އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ފެސާ އިން އިސްނަގައިގެން ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާ ކިޔުމަށްޓަކައި ފެކަލްޓިގެ ދަރިވަރުންނާއި ގުޅިގެން ދަރިވަރުންނަށާއި ސްޓާފުނަށް ” އެފް އީ ބޮޑު މާހެފުން” ގެ ނަމުގައި މާހެފުމެއް ބާއްވައިފިއެވެ.

 

19 މެއި 2016 ވަނަރޭ ރޭގަނޑު ބޭވުނު މި ހަފްލާއަށް އަމީނީ ބިލްޑިންގ ގެ މުޅި ގޯތި ތެރެވަނީ ކަނޑައެޅިފައިވާ ތީމް ކަމަށް ވާ “ސަގާފީ” އާއި އެއްގޮތް ވާނޭހެން ޒީނަތްތެރި  ކުރެވިފައެވެ. ހަމަ އެހެންމެ މި ހަފްލާގެ ކާބޯތަކެތީގެ ގޮތުގައި ވެސް ފެނިގެން ދިޔައީ ޒަމާނުއްސުރެ ދިވެހިން ބޭނުން ކުރަމުން އަންނަ އެއްޗެއްސެވެ. އެގޮތުން ބޮނޑިބަތް، ކަޅުސައި، ކަދުރާޢި ކާށި، މަސް ކުރޮޅި، މަސްކާށީގެ އިތުރުން އަވެލި އަދި ހަނޑުމާ ވެސް ހިމެވެއެވެ.

 

މި މާހެފުން ފެށިގެންދިޔައީ ފެކަލްޓީގެ ދަރިވަރެއްގެ ގުރުއާން ކިޔެވުމުންނެވެ. އެއަށް ފަހު “ބޮޑުކަރާ” ފެޅުން ކުރިޔަށްދިޔައެވެ. ފެކަލްޓީގައި ކިޔަވަމުންދާ ދަރިވަރުންތަކެއް އިސްނަގައިގެން ސަޤާފީ ގޮތަކަށް ތައްޔާރު ކޮށްފައިވާ 8 ކިލޯގެ ކަރާ ފުރިހަމަ އިއްޒަތުގައި ހަފްލާއަށް ގެނެސްދިނީ ބޮޑުބެރާއެކުގައެވެ. މި ކަރާ ފަޅާދެއްވީ ފެކަލްޓީގެ ޑީން އެވެ. އަދި ދުވަހަށް ޚާއްސަކޮށް ދަރިވަރުންތަކެއް ތައްޔާރުކޮށްފައިވާ ކުޅި ބޯކިބާ ފަޅާ ދެއްވީ ފެކަލްޓީގެ ޑިރެކްޓަރެވެ.

 

މިހަފްލާގައި ފެކަލްޓީގެ ޑީން އަދި ފެސާ ހިންގުމާއި ހަވާލުވެ ހުންނެވި ޝިހާބް ސަރ ގެ ވާހަކަދެއްވެވުން ކުރިއަށް ގެންދެވުނެވެ. އަދި ފެސާގެ ފަރާތުން މި ހަފްލާ ގެ ހުރިހާ ކަމެއްގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދެންނެވުނެވެ. މި ހަފްލާގައި ފެކަލްޓީ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ދަރިވަރުންގެ އިތުރުން ފެކަލްޓީގެ އިސްވެރިން، ޓީޗަރުން، މުވައްޒަފުން އަދި އެމް.އެން.ޔޫ.އެސް.ޔޫ ގެ ރައީސްގެ އިތުރުން މެންބަރުން ވެސް ވަނީ ބައިވެރި ވެފަ އެވެ. ހަފްލާ ނިމިގެން ދިޔައީ ވަރަށް އުފާވެރިކަމާއިއެކު ރަމަޟާން މަހަށް މަރުހަބާ ކިޔަމުންނެވެ.