ކޮންމެ އަހަރެކޭވެސް އެއްފަދައިން މި އަހަރުވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހެންވޭރު އާޓިފިޝަލް ބީޗްގައި ވަރަށް ކުލަގަދަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

 

2016 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ފެކަލްޓީ އޮފް އެޑިއުކޭޝަން އިން އިސްނަގައިގެން “އުފަލާމަޖާ” ނަމުގައި ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް ރާއްވާ ހިންގުމުގައި ފެސާ އިން ވެސް ވަނީ ބައިވެރިވެފައެވެ.

 

“ރެއިންބޯ” މިފަހަރުގެ ތީމްއަކަށްވީއިރު، މި ހަރަކާތުގެ އެންމެ ބޯޑު މަގްސަދަކީ ފެކަލްޓީގެ ދަރިވަރުން މަސައްކަތުގެ މާހައުލަށް ނިކުތުމުގެ ކުރިން  މިފަދަ ހަރަކާތްތައް ހިންގުމާއި މިފަދަ ބޮޑެތި ހަރަކާތްތަކުގައި އިސްވެ އުޅުމުގެ ފުރުސަތު  ކުދިންނަށް ދިނުމެވެ.

 

މި ހަރަކާތުގައި ފެކަލްޓީގައި ކިޔަވަމުންދާ ހުރިހާ ކޯސްތަކެއްގެ ދަރިވަރުންގެ އެއްބާރުލުން ލިބިގެންދިއައެވެ. އަދި ފެކަލްޓީގެ ސްޓާފުންނާއި ލެކްޗަރާސްއިންގެ ފަރާތުން ލިބުނު އެއްބާރުލުންވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ.

 

ކުޑަކުދިންގެ ހަވީރުގެ ގޮތުގައި ހިންގުނު މި ހަރަކާތުގައި ތަފާތު އެކިއެކި ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޖިމްނާސްޓިކް، ބޯޅައުކުން، ބޯޅަ ވެއްޓުން އަދިވެސް ތަފާތު ކުރިވަރުތައް ކުރިއަށް ދިޔައެވެ. ކުޅިވަރުގެ އިތުރުން ކުދިންނަށް ތައުލީމީ ގޮތުންވެސް ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. ކުރެހުމާއި ކުލަޖެއްސުމުގެ އިތުރުން ލިޔުމާއި ކިޔުންވެސް މި ހަވީރުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

 

“ފެސާ ގާޑިޔާ” ގެ ނަމުގައި ތަފާތު ކާ އެއްޗެހި ވިއްކުމަށް ހާއްސަ މޭޒެއް މި ހަވީރުގައި ބެހެއްޓުނެވެ. ގާޑިޔާއެއް ބެހެއްޓުމުގެ މަގްސަދަކީ ފެސާގެ ކުރިއަށް ހުރި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމެވެ. މި ގާޑިޔާގައި ސޮސެޖް، މަޖާ، އައިސް ކްރީމް އަދި ފެން ވެސް ވިއްކުނެވެ.

 

ކުޑަކުދިންގެ ދުވަހުގެ ޚާއްސަ އެއް ހަރަކާތުގެ ގޮތުގައި ކޭކު ފެޅުންވެސް ކުރިއަށްދިޔައެވެ. ދުވަހަށް ޚާއްސަކޮށްގެން ފެސާ ގެ ފަރާތުން ތައްޔާރު ކޮށްފައިވާ ކޭކު ފަޅާއިދެއްވީ ދުވަހުގެ ޝަރަފުވެރި މެހެމާން، ފެކަލްޓީގެ ލެކްޗަރާ ވަސީފާ މިސްއެވެ. މި ހަވީރު ވެގެންދިޔައީ ފެކަލްޓީގެ އިސްވެރިންނާއި ލެކްޗަރާސްއިން އަދި ސްޓާފުންނާއި ދަރިވަރުންގެ ގުޅުން ބަދަހިވެގެންދިޔަ އުފާވެރި ހަވީރެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *