ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ދަރިވަރުންގެ ޖަމިއްޔާ “ހީލަރސް”އިން އިސް ނަގައިގެން، ޔުނިވާސިޓީގެ ބައެއް ފެކަލްޓީތަކުގައި ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯޢާއި، ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ އިތުރުން ފެކަލްޓީ އޮފް ހެލްތު ސައިންސެސްގައެވެ.

 

އަދި މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދެވުނު ކަންތައްތަކުގެ ތެރޭގައި ލޭގައި ހަކުރު ހުރިމިންވަރު ބެލުމާއި، ލޭގެ ޕްރެޝަރު ބެލުމާއި، ބޮޑީ މާސް އިންޑެކްސް ބެލުން ހިމެނެއެވެ. މީގެ އިތުރުން އެކި އެކި ބަލިތަކާ ގުޅޭގޮތުން  ސިއްޙީމައުލޫމާތު ދިނުން ފަދަ ކަންކަން ކުރިޔަށް ގެންގޮސްފައި ވެއެވެ.

 

މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ 17 އޭޕްރިލް 2016 ވީ އާދީއްތަ ދުވަހު ހެނދުނު 10:00 ކުން  މެންދުރު 2:00 އާ ހަމައަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވެފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އެކި އެކި ކޯސްތަކުގެ ދަރިވަރުންގެ ޓީމްތަކެވެ.

 

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ “ޕްރިވެންޓް، ޓްރީޓް، ބީޓް ޑައިބިޓީސް” އެވެ.

 

މިހަރަކާތުގައި 500 އަށްވުރެ ގިނަ ދަރިވަރުންގެ ހެލްތު ސްކްރީން ކުރެވި އެފަރާތްތަކަށް ބޭނުންވާ އެކި އެކި ސިއްޙީ މައުލޫމާތު ދެވުނުކަން ހީލަރސްއިން އުފަލާއެކު ފާހަގަ ކުރަމެވެ. އަދި މިހަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ މެނޭޖްމެންޓާއި ދަރިވަރުންގެ ފުރިހަމަ އެެއްބާރުލުމާއެކުކަންވެސް ހީލަރސް އިން ފާހަގަ ކުރަމެވެ.