ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަކީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި ރަޖިސްޓްރީކޮށްގެން ހިންގާ ރާއްޖޭގެ އެންމެ މެމްބަރުންގިނަ މަދަނީ ޖަމިއްޔާއެވެ. އެހެންކަމުން ޔޫނިއަންގެ ހިންގާ ކޮމިޓީގައި މަސަައްކަތްކުރުމުގެ ފުރުޞަތު ލިބުމަކީ ޝަރަފެކެވެ. ހަމަ އެހެންމެ އެހާމެ ބޮޑު މަސްޢޫލިއްޔަތެކެވެ.

ޔޫނިއަންގެ ހިންގާ ކޮމިޓީގައި މަސައްކަތްކުރި މެންބަރުންގެ ތެރެއިން 3 އަހަރު ޔޫނިއަންއަށް ޚިދުމަތްކުރުމުގެ ރިކޯޑު ހައްދަވާފައިވަނީ މިރޭ މަޤާމުން ވަކިވެ ވަޑައިގަންނަވާ މިހާރުގެ ރައީސް އަލީ ރަޝީދުއެވެ.

އަލީ ރަޝީދު ޔޫނިއަންގެ ހިންގާ ކޮމިޓީއަށް އިންތިހާބުވީ ޔޫނިއަންގެ 3 ވަނަ ދައުރުގައެވެ. އެދައުރު ނައިބް ރައީސް (ގޮފިތައް) ކަމުގެ މަޤާމު ފުރުމަށްފަހު ޔޫނިއަންގެ 4 އަދި 5 ވަނަ ދައުރުވަނީ ޔޫނިއަންގެ ރައީސްކަން ކޮށްފައެވެ.

އަލީ ރަޝީދުގެ ޒަޢާމަތުގައި ޔޫނިއަންއިންވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން ކޮލެޖް / ޔުނިވަރސިޓީތައް ބައިވެރިވެވޭ ގޮތަށް ޤައުމީ ލެވެލްގައި ބާއްވާ ހުރިހާ މުބާރާތެއްގައި ބައިވެރިވެ ފަޚުރުވެރި އެއްވަނަ ޔޫނިއަންއިންވަނީ ހާސިލްކޮށްފައެވެ.

ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ތަފާތު ގިނަ އިލްމީ އަދި ކުޅިވަރު ހަރަކާތްތައް ހިންގާފައިވާއިރު އެންމެ ފާހަގަކޮށްލެވެނީ ކެމްޕަސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޔޫނިއަންގެ ހަރަކާތްތައް ފުޅާކޮށް ކެމްޕަސްތަކުގައި ޔޫނިއަންގެ ގޮފިތައް އުފެއްދުމަށް ސީދާ އަލީ ރަޝީދުގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔަ މަސައްކަތްތަކެވެ. މިމަސައްކަތުގެ ދަށުން ލ ގަން ކެމްޕަހުގައި ޔޫނިއަންގެ ގޮފި އުފައްދާ އެގޮފިން އަންނަނީ ވަރަށް ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ހިތަދޫ ކެމްޕަހާއި ތިނަދޫ ކެމްޕަހުގެ އިތުރުން ކުޅުދުއްފުށި ކެމްޕަހުގައި ގޮފި އުފެއްދުމަށް މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލިއެވެ.

ޔޫނިއަންގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް ކަންކަން އިންތިޒާމްކުރެއްވިއެވެ. ޔޫނިއަންގެ ހިންގާ ކޮމިޓީތަކަށް ނުކުރެވިފައި އޮންނަ ކަމެއް ގޮތުގައި އޮންނަ ޔައުމިއްޔާ ލިޔުމުގެ ކަންކަން ހަރުދަނާކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުވަހުން ދުވަހަށް ޔައުމިއްޔާތައް ނިންމަންފެށިއެވެ. ގޮފިތައް ހިންގުމުގައި ޖަމިއްޔާ ވަންތަކަން ގެނެސް ގޮފިތަކާއި ބެހޭ އުސޫލު ހަރުދަނާކޮށް ގޮފިތަކަށް ފައިސާ ދިނުމުގައި ދެފަރާތައްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސިއެވެ.

އަބަދުވެސް ޝަކުވާއަކަށް ވެފައި އޮން “ޔޫނިއަންއިން ކޮންކަމެއްހޭ ކުރަނީ”، ކިޔައި ޝަކުވާ ކުރާ ފަރާތްތަކަށް ޔޫނިއަންގެ ހަރަކާތްތައް ފަސޭހައިން ފެންނާނެގޮތަށް ޔޫނިއަންގެ މީޑިއާގެ ކަންކަން ބައްޓަން ކުރިއެވެ. އެގޮތުން ޔޫނިއަންގެ ޚަބަރުތައް ގެނެސްދިނުމަށް ޔޫނިއަންގެ ވެބްސައިޓް އެއް އިފްތިތާހުކޮށް ޔޫނިއަންގެ ހަރަކާތްތަކާއި ޚަބަރުތައް ގެނެސްދިނުމަށް ސަން މީޑިއާ ގްރޫޕްއާއެކު ސޮއިކޮށް މަސައްކަތް ކުރެވުނެވެ. މީގެ އިތުރުންވެސް ޔޫނިއަންގެ ހަރަކާތްތަކާއި ދިމާކޮށް ރާއްޖޭގައި ހިންގާ އެހެންވެސް އެހެން މީޑިއާތަކުގައި އެމައުލޫމާތުތައް ހިއްސާކުރަމުންގެންދިޔައެވެ. މިމަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ޔޫނިއަންގެ މެމްބަރުންނާއި އެހެންވެސް ފަރާތްތަކަށް ޔޫނިއަން ވަރަށް ބޮޑަށް އެނގިގެންދިޔައެވެ.

3 ދައުރުގެ ބުރަ މަސައްކަތަށްފަހު ޔޫނިއަންއާއި ވަކިވާއިރު އަލީ ރަޝީދުގެ އިހްސާސްތައްވެސް ހަމަ އެހާ އަސަރުގަދައެވެ. އަލީ ރަޝީދު ވިދާޅުވީ ޔޫނިއަންއާއި އެއްކޮށްވަކިވަނީ ނޫންކަމަށާއި ހިންގާ ކޮމިޓީގެ މަޤާމެއްގައި ނެތަސް ޔޫނިއަންއަށް ޚިދުމަތްކުރުމުގައި ހުންނާނެކަމަށެވެ. އަދި ނިމިދިޔަ 3 ދައުރުގައިވެސް ޔުނިވަރސިޓީގެ މެނޭޖްމަންޓާއި އަލީއާއެކު މަސައްކަތްކުރި ޓީމަށް ވަރަށްބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި 6 ވަނަ ދައުރަށް އިންތިހާބުވި ހިންގާ ކޮމިޓީގެ މެމްބަރުންނަށް ކާމިޔާބަށް އެދޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *