ޔޫނިއަންއިން ކުރިއަށްގެންދާ ފުޓްސަލް ފިއެސްޓާގެ މެއިން ސްޕޮންސަރއަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހަމަޖައްސާ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އެމްޕީއެލްއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ އެފްއީ އޮޑިޓޯރިއަމްގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައިވަނީ ކޯ ސްޕޮންސަރ ތިލަފުށި ކޯޕަރޭޝަން އަދި ޕްރިންޓިން ޕާޓްނަރ ޕްރިންޓް ލެބް އާއެކުވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އަބްދުލްރަައްޒާގު ހަލީމް ވިދާޅުވީ އެކުންފުނީގެ ފަރާތުން މިމުބާރާތް ސްޕޮންސަރ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޒުވާނުން ބާރުވެރިކުރުވުމަށް ރައީސް ޔާމީން އެކަށައަޅުއްވާފައިވާ ސިޔާސަތުތަކަށް އެއްބާރުލުން ދެއްވުން ކަމަށެވެ. އަދި މިއީ ހަމައެކަނި މުބާރާތެއް ސްޕޮންސަރކުރުމަށް ކޮށްލާ ކަމެއް ނޫންކަމަށާއި މިއީ ކުރިމަގަށްޓަކައި ޒުވާނުންނަށް ކުރާ އިންވެސްޓްމަންޓެއް ކަމުގައި ސީއީއޯގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ޔޫތް އެންޑް ސްޕޯޓްސް އެޑްވައިޒަރީ ކައުންސިލްގެ މެމްބަރު އަދި ރައްޔިތުންގެ މަޖްލިސްގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއުވެސް ބައިވެރިވެ ވަޑައިގަތް ވާހަކަފުޅު ދެއްކެވިއެވެ.

އެމްއެންޔޫ އެސްޔޫ ފުޓްސަލް ފިއެސްޓާއަކީ ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރަމުންދާ މުއައްސަސާތަކުގެ މެދުގައި ކުޅެވޭ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މިމުބާރާތުގައި މިފަހަރު ޖުމްލަ 18 ޓީމް ބައިވެރިވެފައިވާއިރު މިއީ މެދުނުކެނޑި މިމުބާރާތް ބާއްވާ ފަސްވަނަ ފަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *