ސުރުހީ ތިކިޔުނީ ހަމަ ރަނގަޅަށެވެ. އެއީ އަޅުގަނޑަށް ޑީން އޮފް ސްޓޫޑަންޓްސް ނާދިޔާ އަހުމަދު (ނާދިޔާ މިސް) ސިފަވާ ގޮތެވެ. ނާދިޔާ މިސްއަށް އެމަޤާމު ހައްޤުކަމަށް އަޅުގަނޑު ހިތާ ރޫހުން ޤަބޫލުކުރަމެވެ.

ބައްދަލުވާއިރު އަބަދުވެސް ހިނިތުންވެ އުފާވެރި މޫނަކައިގެން ހުންނަ ނާދިޔާ މިސްއަކީ ވަރަށްވެސް ހިތްހެޔޮ ފަރާތެކެވެ. ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ނާދިޔާ މިސްއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހަޔާތުގައިވެސް މުހިއްމު ނަމެކެވެ. ކިޔަވައި ދެއްވުމުގައި މަޖީދިއްޔާ ސްކޫލުން ލިބިވަޑައިގެންނެވި ތަޖުރިބާއާއެކު ފެކަލްޓީ އޮފް އެޑިއުކޭޝަންގައި މުދައްރިސުން ތަމްރީން ކުރުމުގައި ހަރަކާތްތެރިވި ޚިދުމަތްތެރިއެކެވެ. ޔުނިވަރސިޓީގެ އެގްޒާމް ސެންޓަރ އުފެއްދުމުން އެންމެ ފުރަތަމަ އެތަނާއި ހަވާލުވެ، އެތަން ނަގާ ކޮޅަށް ޖެއްސެވި ފިސާރި ކަނބަލެކެވެ. ނަމަވެސް ނާދިޔާ މިސްއެއްގެ ވާހަކައެއް އަޅުގަނޑު ފަށާނީ ޑީން އޮފް ސްޓޫޑަންޓްސް އަށް ވަޑައިގެންނެވި ހިސާބުންނެވެ.

ޔޫނިއަންގެ ފޯކަލް ޕޮއިންޓްއަކަށް ޔުނިވަރސިޓީއިން ކަނޑައަޅާފައި ހުންނަ ފަރާތްކަމުން ޔޫނިއަންއާއި ދަރިވަރުންގެ ކަންކަމުގައި ޑީން އޮފް ސްޓޫޑަންޓްސްއަކީ ވަރަށް ގިނައިން ބައްދަލުކުރަންޖެހޭ ފަރާތެކެވެ. މިއިން ކޮންމެ ފަހަރަކުވެސް ނާދިޔާ މިސް ފެންނާނީ އަބަދުވެސް ހިނިތުންވެ އިންދައެވެ. ބައްދަލުނުވެ ގިނަ ދުވަސްތަކެއްވާނަމަ އަބަދުވެސް އެޝަކުވާ ކުރައްވާނެއެވެ.

ނާދިޔާ މިސް އަޅުގަނޑަށް ފާހަގަވެފައިވަނީ ވަރަށް ބުރަކޮށް ޔުނިވަރސިޓީގެ ދަރިވަރުންގެ ކަންކަމުގައި އުޅުއްވާ ފަރާތެއްގެ ގޮތުގައެވެ. ދަރިވަރެއްގެ ކަމެއް ނަމަ ވީހާވެސް އަވަހަށް އެކަމެއް ނިންމަ ދެވޭތޯ އަބަދުވެސް ވަރަށް މަސައްކަތް ކުރައްވާނެއެވެ. ދަރިވަރުންނަށް ދަތިވާކަމެއް އޮތްތޯވެސް އަބަދުވެސް ޔޫނިއަންގައިވެސް އައްސަވައެވެ.

ޑީން އޮފް ސްޓޫޑަންޓްސްއަށް އައްޔަންވުމަށް ފަހު ނާދިޔާ މިސް މިހާތަނަށް ޔޫނިއަންއަށް ކޮށްދެއްވި ޚިދުމަތްތަކާއި ގުޅޭގޮތުން ޔޫނިއަންގެ ވެބްސައިޓަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޔޫނިއަންގެ 4 އަދި ފަސްވަނަ ދައުރުގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ނާދިޔާ މިސްއަކީ އަބަދުވެސް ޔޫނިއަންގެ ކަންކަން ވަރަށް ކައިރިން ބައްލަވާ ވަރަށް ބޮޑު އެއްބާޜުލެއްވުމެއް ދެއްވާ ފަރާތެއްކަމަށާއި އެކަމަށްޓަކައި އަލީ ރަޝީދުއާއި ޓީމްގެ ފަރާތުން މިސްދެއްވާ އެއްބާރުލެއްވުމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

ނާދިޔާ މިސްގެ މަސައްކަތްތަކާއި ގުޅޭގޮތުން ޔޫނިއަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާޜު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަކީ ކެމްޕަސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ފަސޭހައިން ހަމަޖެހިގެންދާނެ އިންތިޒާމްތަކެއް ހަމަޖެއްސުން ކަމަށެވެ. މަސްޢޫލިއްޔަތުގެ ގޮތުން އެއްވެސް ޗެލެންޖެއް ކުރިމަތިވޭތޯ ސުވާލު ކުރެއްވުމުން ނާދިޔާ މިސް ވިދާޅުވީ ޗެލެންޖިންއޭ ބުނާވަރުގެ ކަމެއް ދިމާނުވާ ކަމަށާއި ދަރިވަރުންގެ ކަންކަމުގައި ޔުނިވަރސިޓީ މެނޭޖްމަންޓްގެ ފުލް ސަޕޯޓް މިސްއަށް ލިބެމުންދާ ކަމަށެވެ.

އަޅުގަނޑުމެންވެސް އެދެނީ ނާދިޔާ މިސްގެ މަސައްކަތުގައި އަބަދުވެސް ކާމިޔާބީ ހާސިލްވުމެވެ.

3 Responses to ނާދިޔާ މިސް: ހުރިހާ ދަރިވަރުންގެ “މަންމަ”
  1. ދެން ކޮބާ ބައްޕަ؟

  2. True inspiration. Love you alot mamma

  3. Asluves.. Naadhiyaa miss akee varah lovebhi beyfulheh.. hiyheyo adhi abadhuves hinithunvumegga fenna beyfulheh.. Naadhiya miss akee hama best..


[top]

Leave a Reply

Your email address will not be published. Required fields are marked *